މިފަހަކަށް އައިސް އަޅުގަނޑުމެންގެތެރޭގައި އެއްވެސް ކަމަކަށް ނުހަދައި، ރަމަޟާންމަހުގެ ރޯދައިން ޤަޟާކުރަންޖެހޭ ރޯދަތަކެއް އޮތް މީހަކުމެ، ޝައްވާލްމަހުގެ ސުންނަތްކަން ގަދަ 6 ރޯދަ ހިފަމުންދެއެވެ. މިކަމުގެ ޙަޤީޤަތަކީ ނުވަތަ ޙައްޤުގޮތަކީ، އެގޮތަށް 6 ރޯދަ ނުހިފޭނޭކަމުގައި ބުނުމެވެ. މިހެނީ؛ އެންމެ ފުރަތަމަ އެފަދަ މީހަކަށްއޮތީ ޤަޟާކުރަންޖެހޭ ރޯދަތައްހިފުމެވެ. ރަމަޟާންމަހުގެ ރޯދަތައް ހަމަކުރުމެވެ. ދެން، އޭގެފަހުގައި ޝައްވާލުމަހުން 6 ރޯދަހިފެންއޮތްނަމަ، އެކަން ކުރަން ބޭނުންނަމަ، 6 ރޯދަހިފުމެވެ. މިހެނީ މާތް ރަސޫލާ-صلى الله عليه وسلم-ގެ ޙަދީޘްފުޅުގައިވަނީ: ”مَنْ صَامَ رَمَضَانَ، ثُمَّ أَتْبَعَهُ بِسِتٍ مِنْ شَوَّالَ كَانَ كَصِيَامِ الدَّهْرِ“ =رواه الإمام مسلم-رحمه الله-=، މާނައަކީ: ”ރަމަޟާންމަހުގެ ރޯދަހިފައި، ދެން، ޝައްވާލުމަހުން ހަރޯދަހިފައިފިމީހާ މުޅިއަހަރު ރޯދަހިފިފަދައެވެ.“
ވީއިރު، ރަމަޟާންމަހުގެ ދުވަހެއް ނުވަތަ ދުވަސްތަކެއް ޤަޟާކުރަން އޮންނަމީހާ، އެރޯދަތައް ޤަޟާނުކޮށް، ޝައްވާލުމަހުގެ ރޯދަހިފުމުން، އެމީހަކީ؛ ޙަދީޘްފުޅުގައިވާބީދައިން، ރަމަޟާންމަހުގެ ރޯދަހިފައި، ދެން، ޝައްވާލުމަހުން ހަރޯދަހިފައިފިމީހަކަށް ނުވާނެއެވެ. ވީމާ، އެފަދަ މީހަކަށް ޝައްވާލުމަހުގެ ރޯދަހިފުމުން ލިބޭ، ބަޔާންވެދިޔަ ހެޔޮ އަޖްރެއް ނުލިބޭނެތެވެ.
ނޯޓު: މިއީ އަލްޢައްލާމާ މުޙައްދު އިބްނު ޞާލިޙުލްޢުޘައިމީން އާއި އަދި އަލްޢައްލާމާ އިބްނު ބާޒްފަދަ ބޭބޭފުޅުންގެ ޖަވާބެވެ.
ބައްލަވާލައްވާ: فتاوى اللجنة الدائمة: 10/354، مجموع فتاوى ومقالات متنوعة، 15/393، للشخ عبد العزيز بن عبد الله بن باز-رحمه الله-، فتاوى أركان الإسلام، لفضيلة الشيخ العلامة محمد بن صالح العثيمين، ص: 487-488
[ޢިލްމީ ޤުލްޒާރުން ހިދާޔަތުގެ މަގު: 73، 74، 75 އިން ނަގައިގައި.]
ބައެއް ބްރައުޒަރތަކުން ސައިޓު ބައްލަވާއިތު ޤުރުއާނުގެ އާޔަތްތައް ރަނގަޅަށް ނުފެންނަކަން ވަނީ ފާހަގަ ކުރެވިފައެވެ. މިކަން ރަނގަޅުކުރެއްވުމަށްޓަކައި، މަދީނާގެ މުޖައްމަޢުލް މަލިކު ފަހުދު ލި ޠިބާޢަތިލް މުޞްޙަފުއް ޝަރީފު އިން ވަރަށް ފަހުން ނެރެފައިވާ، ޤުރުއާން ލިޔާ ފޮންޓު ޑައުންލޯޑުކުރެއްވުމަށްފަހު އިންސްޓޯލުކުރައްވާށެވެ. އިތުރު މައްސަލައެއް ދިމާވެއްޖެނަމަ އަޅުގަނޑުމެންނާ ގުޅުއްވާ!