އައް-ޝައިޚް ޞާލިޙް އަލް-ފަޥްޒާން (حفظه الله) ވިދާޅުވެފައިވެއެވެ.
"ހަމަ އެފަދައިން އެއްބައިވަންތަކަން ޤާއިމްވެގެންދާ ސަބަބުތަކުގެ ތެރޭގައި މުސްލިމުން އެބައިމީހުންގެ ވެރިންނަށް ކިޔަމަންތެރިވުން ހިމެނެއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَأُوْلِي ٱلۡأَمۡرِ مِنكُمۡۖ فَإِن تَنَٰزَعۡتُمۡ فِي شَيۡءٖ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمۡ تُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۚ ذَٰلِكَ خَيۡرٞ وَأَحۡسَنُ تَأۡوِيلًا
މާނައިގެ ތަރުޖަމާ : " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، ﷲ އަށް ކިޔަމަންވާށެވެ! އަދި، ރަސޫލާ އަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް ކިޔަމަންވާށެވެ! ފަހެ ކަމަކާއިމެދު ތިޔަބައިމީހުން ދެބަސް ވެއްޖެނަމަ، ﷲ އަށާއި ރަސޫލާ އަށް އެކަމެއް ރައްދު ކުރާށެވެ! ތިޔަބައިމީހުން ﷲ އަށާއި އާޚިރަތްދުވަހަށް އީމާންވާކަމުގައި ވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި ނިމުމެއްގެ ގޮތުން ރީތިކަންވެސް ބޮޑުމެއެވެ." (ސޫރަތުއް ނިސާ : 59)
އިޚްތިލާފްތަކާއި ދެބަސްވުން ފާޅުވުމަކީ އެއީ ނުވެނުދާނޭ ކަމެކެވެ. އެހެނެއްކަމަކު އެފަދަ އިޚްތިލާފީ ދެބަސްވުމަކަށް ނިމުން ގެނައުމަށްޓަކައި ރުޖޫޢަވުން އޮތީ ﷲ ގެ ފޮތަށާއި އެއިލާހުގެ ރަސޫލާ ﷺ ގެ ސުންނަތަށެވެ. މިކަން ޙަޤީޤަތަކަށްވެގެންދާނީ ޢިލްމުގެ އަހުލުވެރިން (ސުންނަތް ޖަމާޢަތުުގެ ޢިލްމުވެރިން) ގެ އަތްޕުޅުމަތިންނެވެ. އެއީ ﷲ ގެ ފޮތާއި އެއިލާހުގެ ރަސޫލާ ﷺ ގެ ސުންނަތް އެޢިލްމުވެރިންނަށް އެގޭތީއެވެ. އެހެންކަމުން، ޤުރުއާނާއި ސުންނަތުގެ އަލީގައި އެދެބަސްވުން ޙަައްލުކޮށް ނިމުމަކަށް ގެނައުމަށްޓަކައި އެމީހަކު ރުޖޫޢަވާންޖެހޭނީ ޢިލްމުވެރިންނަށެވެ.
إِن كُنتُمۡ تُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۚ "ތިޔަބައިމީހުން ﷲ އަށާއި އާޚިރަތްދުވަހަށް އީމާންވާކަމުގައި ވާނަމައެވެ."
އެހެންކަމުން މުއުމިން އަޅާ ރުޖޫޢަވަނީ ﷲ ގެ ފޮތަށާއި އެއިލާހުގެ ރަސޫލާ ﷺ ގެ ސުންނަތަށެވެ. އޭނާ ވަކި ގޮތެއް ޤަބޫލުކުރާނީ ޞައްޙަ ދަލީލުތަކުގެ އަލީގައެވެ. ޙަޤީޤީ މުއުމިނަކީ މިއީ އެވެ. ފަހެ، މިގޮތަށް އީމާންވާ މީހާ ފިޔަވައި ދެންތިބި މީހުންނަށް ބަލާއިރު، އެބައިމީހުން ފޮތާއި ސުންނަތައް ރުޖޫޢައެއް ނުވެއެވެ. އެހެނެއްކަމަކު އެފަަދަމީހުން ރުޖޫޢަވަނީ އެބައިމީހުންގެ އަމިއްލަ ހަވާ ނަފްސަށެވެ. ތަބާ ވަނީ އަމިއްލަ 'ރަހަ' ތަކަށެވެ. ޢިލްމުވެރިންނަށް ރުޖޫޢަވުމުގެ ބަދަލުގައި އެބައިމީހުން ރުޖޫޢަވަނީ މަގުފުރެދުންތަކުގެ އަހުލުވެރިންނަށެވެ. އެފަދަމީހުން ރުޖޫޢަވަނީ ޕާޓީތަކާއި ޖަމާޢަތްތަކުގެ ޤާނޫނާއި ޤަވާޢިދަށެވެ. އަދި އެމީހުން ﷲ ގެ ފޮތަށާއި އެއިލާހުގެ ރަސޫލާ ﷺ ގެ ސުންނަތަށް ރުޖޫޢަ ނުވެއެވެ. "
(މަޞްދަރު : މަޖްމޫޢުއް ރަސާއިލް – އައްޝައިޚް ޞާލިޙް އަލް-ފަޥްޒާން حفظه الله . ޞަފްހާ : 165 – 166)
ބައެއް ބްރައުޒަރތަކުން ސައިޓު ބައްލަވާއިތު ޤުރުއާނުގެ އާޔަތްތައް ރަނގަޅަށް ނުފެންނަކަން ވަނީ ފާހަގަ ކުރެވިފައެވެ. މިކަން ރަނގަޅުކުރެއްވުމަށްޓަކައި، މަދީނާގެ މުޖައްމަޢުލް މަލިކު ފަހުދު ލި ޠިބާޢަތިލް މުޞްޙަފުއް ޝަރީފު އިން ވަރަށް ފަހުން ނެރެފައިވާ، ޤުރުއާން ލިޔާ ފޮންޓު ޑައުންލޯޑުކުރެއްވުމަށްފަހު އިންސްޓޯލުކުރައްވާށެވެ. އިތުރު މައްސަލައެއް ދިމާވެއްޖެނަމަ އަޅުގަނޑުމެންނާ ގުޅުއްވާ!